Wednesday, September 28 2022

ޕީޖީ އޮފީހުގެ "ލެތުން" އިފްތިތާޙްކޮށްފި

May 28, 2022

ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕީޖީ އޮފީހުން އެކުލަވާލާފައިވާ "ލެތުން" ޑޭޓާބޭސް އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި "ލެތުން" ޑޭޓާބޭސް ލޯންޗްކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއް ސުޢޫދެވެ.

"ލެތުން" ޑޭޓާބޭސްއަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުޞޫލުތަކާއި، އެހެން ޤާނޫނީ ވަޞީލަތްތައް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ފަރުމާކޮށްފައިވާނީ އެ ޤާނޫނުތަކާއި ގަވާއިދުތަކަށް އެކި ފަހަރުމަތިން ގެނެސްފައިވާ އިޞްލާޙްތައް ޤާނޫނާ އެއްކޮށް، ކޮންސޮލިޑޭޓްކޮށްގެންނެވެ. އަދި ވަކި ވަކި ކަމަކާ ގުޅޭގޮތުން ހޯދުމެއް ހޯދާނަމަ ވެބްސައިޓް މެދުވެރިކޮށް ސާރޗްކުރެވޭނެއެވެ. ވަކި މަޢުޟޫޢަކާ ގުޅޭގޮތުން ހޯދާނަމަ "ޓެގްސް" ސާރޗްކޮށްގެން އެ މަޢުޟޫޢަކާ ގުޅޭގޮތުން ހުރި ކޮންޓެންޓް ފެންނަން ހުންނާނެއެވެ. އަދި ފަހުން ބެލުމަށްޓަކައި މާއްދާތައް ބުކްމާރކްވެސް ކުރެވޭނެއެވެ.

މި ޑޭޓާބޭސް ލޯންޗްކުރުމަށްޓަކައި ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވީ މި މަސައްކަތުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ކަންކަމުގައި ދިރާސާކުރާ މީހުންނަށްކަމަށެވެ. އެގޮތުން އެއް މަޢުޟޫޢަކާ ގުޅުންހުރި މަޢުލޫމާތު އެކި މުއައްސަސާތަކުގެ ވެބްސައިޓްތަކުން އެއްކުރުމުގެ ބަދަލުގައި މިހާރު "ލެތުން" މެދުވެރިކޮށް ހުރިހާ އެއްޗެއް ބެލޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިމަސައްކަތް ފެއްޓެވުމުގެ ޚިޔާލު އުފަންވެގެން އައީވެސް، ކަމެއް ދިރާސާކުރުމަށް މަޢުލޫމާތު އެއްކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. މި މަސައްކަތް ކާމިޔާބު ކުރުމުގައި އެކި ގޮތްތޮތުން އެހީތެރިކަން ދެއްވި ފަރާތްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ޕީޖީ އޮފީހުގެ މުވައްޒަފުން މިކަމުގައި އަދާކުރެއްވި ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއް ސުޢޫދު ވަނީ ކަންކަން ޙައްލުކުރުމުގައި ތަފާސްހިސާބު ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން "ލެތުން" އަކީ ޤާނޫނީ އެކި ދިރާސާތައް ކުރުމުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތަކަށް ވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ޔޫއެންޑީޕީ ގުޅިގެން ހަދާފައިވާ އޯޑިއޯ ވީޑިއޯ ފޮތްތަކެއް ނެރުންވެސް ކުރިއަށްދިޔައެވެ. މިއީ ޖިނާއީ މައްސަލަތަކުގައި އަނިޔާލިބޭ މީހުންނާއި، ހެކިބަސްދޭ މީހުންނަށް މި ނިޒާމު ހިނގާގޮތް ދަސްކޮށްދިނުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ފޮތްތަކެކެވެ. މި ފޮތްތައްވެސް "ލެތުން" އިން ފެންނަން ހުންނާނެއެވެ.

މި ރަސްމިއްޔާތުގައި ބަންޑާރަނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތާއި، ޤާނޫނީ ފަންނުގެ އިސްވެރިންނާއި، ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއެވެ.

https://lethun.pgo.mv

ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފި
ޑިޖިޓަލް އެވިޑެންސް ވޯކްޝޮޕްގައި 50 ޕްރޮސިކިއުޓަރުން ބައިވެރިވެއްޖެ