ޚަބަރު

ޗައިނާއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

03/05/2017

ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޮޓަރޭޓް އޮފީހާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ 2 މޭ 2017 ވީ އަންގާރަ ދުވަހުގެ ހަވީރު ބެއިޖިންގ ގައި ހުންނަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޮޓަރޭޓް އޮފީހުގައެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޕްރޮސިކިއުޓަރުންނާއި ސަޕޯޓް ސްޓާފުން ޗައިނާގެ އެކި ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ޕްރޮކިއުރޮޓަރޭޓް އޮފީހާއި ޓްރެއިނިންގ އެކަޑަމީ އަދި ކޮލެޖުގައި ތަމްރީންވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން ޕްރޮސިކިއުޝަން ދާއިރާއިން ދެ އޮފީހުގެ ދެމެދުގައި މަޢުލޫމާތު ބަދަލުކޮށް ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެ ޤައުމުގެ ޕްރޮސިކިއުޓަރ ޖެނެރަލުންނެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެ ޤައުމުގެ ޕްރޮސިކިއުޓަރ ޖެނެރަލުން ވަނީ އެއްބަސްވުން ތަންފީޛުކުރުމާގުޅޭ ރަސްމީ ވާހަކަތައް ކުރިއަށް ގެންގޮސްފައެވެ.