ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނިއުސްލެޓަރ "ޢުންޞުރު" އަށް މަރްޙަބާ!

15 ޑިސެންބަރު 2022

ޤާނޫނުއަސާސީ ނިޔާކުރާ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަސައްކަތުގެ އަސާސް ބިނާކުރަންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށެވެ. ހަމަހަމަކަން ޤާއިމުކުރެވޭނީ ހާމަކޮށް، ހުޅުވާލެވިގެން، ދެފުށް ފެންނަ ގޮތަށް މަސައްކަތް ބައްޓަން ކޮށްގެންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގައި ޢާންމުންނަށާއި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވޭނީ މިދެންނެވި ހާމަކަމުގެ ތެރެއިންނެވެ. "ޢުންޞުރު" އަކީ އެމަގަށް ވާޞިލުކޮށްދޭނެ މަގެކެވެ.

ޤާނޫނީ މާނައިގައި ޢުންޞުރަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ރައްޔިތުންނަށް ލިބިދޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ މަފްހޫމެކެވެ. މީހެއްގެ މައްޗަށް ކުށެއްގެ ދަޢުވާއެއް އުފުލި، އެމީހަކަށް، އެމީހަކު ކުޅަ ޢަމަލެއްގެ ޖިނާއީ ޒިންމާ އުފުލަންޖެހޭނީ، އެމީހާ ކުރި ކަމަކީ، ޤާނޫނުގައި ކުށް ބަޔާންކުރުމަށް ހުރި ޢުންޞުރުތައް ފުރިހަމަވާ ޢަމަލެއް ނަމައެވެ. ޢުންޞުރުތައް ފުރިހަމަވޭތޯ ކަށަވަރު ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ. ޢުންޞުރު ފުރިހަމަވާނަމަ ދައުވާކުރާނެއެވެ. ޢުންޞުރު ނެތްނަމަ، ދައުވާއެއް ނެތެވެ.

"ޢުންޞުރު" ނިއުސްލެޓަރއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 15 އަހަރުވީ ތާރީޚުގައި މުޅިން އަލަށް ފަށާ މަސައްކަތެކެވެ. "ޢުންޞުރު" ގެ ބޭނުމަކީ، އޮފީހުގެ މަސައްކަތް ހިނގާނުހިނގާ ގޮތް ޢާންމުންނަށް ތިލަކޮށްދިނުމެވެ. ކުށުގެ ޢަމަލު ހިނގާ ގޮތާއި، ތަންތަނާއި، ވަގުތާއި، ކުށުގެ ޓްރެންޑުތަކަށް އަންނަ ބަދަލުތައް ކިޔައިދީ، ހޭލުންތެރިކަން އިތުރުކުރުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގައި ސުވާލު އުފެދޭ ކަންކަން ސާފުކޮށް ފިލުވައިދިނުމެވެ. ރިހާކުރު ފުޅި ވަގަށް ނެގި މީހާ ހަ އަހަރު ދުވަހަށް ޖަލަށްލީ އަޞްލު ސަބަބު ކިޔައިދެވޭތޯ ބެލުމެވެ. ޤާނޫނުތަކަށް އަންނަ ބަދަލުތަކާއި، ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކާއި، އެތަކެތިން ޢާންމު މީހާއަށް އަސަރުކުރާނެކަމަށް ފެންނަ ގޮތްތައް، ޤާނޫނީ-ނޫން ލަފްޒުތަކަކުން ކިޔައިދެވޭތޯ ބެލުމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ ހަމަ ކޮންމެ ނިންމުމަކީ، މީހެއްގެ ނުވަތަ ބައެއްގެ ޙަޔާތާ ސީދާ ގޮތުން ގުޅިފައިވާނެ ނިންމުމެމެވެ. "ޢުންޞުރު" ގެ ބޭނުމަކީ، އެނިންމުން ނިންމާ ގޮތާއި، ސަބަބާއި، އެކަމުގައި ބަލާނެ ކަންކަމާއި، އެކަންކަން ހިނގާނުހިނގާ ގޮތް، ޢާންމުންނަށް ކިޔައިދިނުމެވެ.