ހ. ތަޢާރުފު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދުނީ 07 އޯގަސްޓް 2008 ދުވަހު ތަޞްދީޤް ކުރެވުނު ޤާނޫނޫއަސާސީގެ 220 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނާންވާނޭކަމަށް ބަޔާންކޮށްފައިވުމާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގައިވާ ގޮތުގެ މަތީންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ އަމިއްލަ ނަމުގައި ދަޢްވާ ކުރުމާއި، ދަޢްވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަދި އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކަ އެއްއޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ. ށ. އޮފީހުން ކުރާ މައިގަނޑު މަސައްކަތްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީންކަމަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނެފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައްކަމަށް ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ކަނޑައަޅާފައިވަނީ އަންނަނިވި .ކަންކަމެވެ. (ހ) ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ދަޢްވާތަކާބެހޭ ކަންކަން ބެލެހެއްޓުން؛ (ށ) ތަޙްޤީޤްކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢްވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން؛ (ނ) ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚްތިޞާޞް ހުއްދަކުރާ ކޮންމެ ކޯޓެއްގައިމެ ދަޢްވާ އުފުލުން؛ (ރ) ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަޙްޤީޤްތައް ބަލައި އެ ކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުން؛ (ބ) ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ޙާލަތްތަކާއި ޝަރުޠުތައް މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމާއި، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުން؛ (ޅ) ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންވެސް ގޮތަކުން މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެކަމެއް ތަޙްޤީޤްކުރުމަށް، ތަޙްޤީޤްކުރުމުގެ ބާރު ޤާނޫނުގެ ދަށުން ލިބިގެންވާ ފަރާތަކަށް އަންގާ ތަޙްޤީޤްކުރުމުގެ އަމުރު ނެރުން؛ (ކ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުން، ޖިނާއީ ދަޢްވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން ހިންގަން ފަށާފައިވާ ޖިނާއީ ދަޢްވާއެއް ކުރިއަށް ގެންދިއުމާ ޙަވާލުވުމާއި، މިފަދަ ދަޢްވާތައް މުރާޖަޢާކޮށް، އަނބުރާ ގެންނަން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ކޮންމެ ދަޢްވާއެއް ކޯޓުން ޙުކުމެއް އިއްވުމުގެ ކުރީގައި އަނބުރާ ގެނައުން؛ (އ) ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދަޢްވާ އުފުލުމަށް ނުވަތަ ދަޢްވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢްވާއެއް އަނބުރާ ގެނައުން؛ (ވ) ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ޙުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުން؛ (މ) ޖިނާއީ މައްސަލަތަކުގައި ދަޢްވާކުރުމުގެ އެންމެހައި އުޞޫލުތައް ކަނޑައެޅުން؛ (ފ) ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުން.
|
|
|
|
|
|
© Prosecutor General's Office