• 25 އެޕްރީލް 2024

    މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫންގެ މައްޗަށް ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުން

    މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫންއަށާއި، ޢަބްދުﷲ މައުމޫންގެ ޢާއިލީ ބައެއް ފަރާތްތަކަށް އަދި ޢަބްދުﷲ މައުމޫންއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި އަންނަނަވި ދަޢުވާތައް ކުރުމަށް 18 އެޕްރީލް 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.
     
    ހ. ހެންވޭރުފެހި، ޢަބްދުﷲ މައުމޫންގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން، ރިޝްވަތު ހިފުމުގެ ކުށުގެ 07 (ހަތެއް) ދަޢުވާ.
    ކޮންމެ ދަޢުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބު: 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
     
    ރިޝްވަތު ހިފުމުގެ ދަޢުވާ 1 ކުރާ ސަބަބު:
    ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 04 އޭޕްރީލް 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓެއްގެ އަގަށްވާ US$634،700 (ހަ ލައްކަ ތިރީސް ހަތަރު ހާސް ހަތްސަތޭކަ އެމެރިކާ ޑޮލަރު) ޖަމާކޮށްފައިވާއިރު، 07 އޭޕްރީލް 2016 ދުވަހު ޢަބްދުﷲ މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު: 6320203811 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$29،941.50 (ނަވާވީސް ހާސް ނުވަސަތޭކަ ސާޅީސް އެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.
     
    ރިޝްވަތު ހިފުމުގެ ދަޢުވާ 2 ކުރާ ސަބަބު:
    ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 07 ޖޫން 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓެއްގެ އަގަށްވާ US$686،950 (ހަ ލައްކަ އަށްޑިހަ ހަ ހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށް މަސައްކަތް ކޮށްފައިވާއިރު، 14 ޖޫން 2016 ދުވަހު ޢަބްދުﷲ މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރު:6320203811 އެކައުންޓަށް US$49،921.50 (ސާޅީސް ނުވަހާސް ނުވަސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) އާއި 26 ޖޫން 2016 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުންނަ ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު: 7730000025932 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$12،201.50 (ބާރަ ހާސް ދުއިސައްތަ އެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.
     
    ރިޝްވަތު ހިފުމުގެ ދަޢުވާ 3 ކުރާ ސަބަބު:
    ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 01 އޮގަސްޓް 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ US$633،050 (ހަލައްކަ ތިރީސް ތިން ހާސް ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށް މަސައްކަތްކޮށްފައިވާއިރު، 4 އޮގަސްޓު 2016 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު: 7730000025932 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$49،949.50 (ސާޅީސް ނުވަ ހާސް ނުވަސަތޭކަ ސާޅީސް ނުވަ އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.
     
    ރިޝްވަތު ހިފުމުގެ ދަޢުވާ 4 ކުރާ ސަބަބު:
    ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 30 މާރިޗު 2017 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ US$698،000 (ހަ ލައްކަ ނުވަދިހަ އަށް ހާސް އެމެރިކާ ޑޮލަރު) ޖަމާކޮށްފައިވާއިރު، 09 އޭޕްރީލް 2017 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ އައި ޑިވެލޮޕަރޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 
    9901-01-48000918-200
     އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$24،930 (ސައުވީސް ހާސް ނުވަ ސަތޭކަ ތިރީސް ޑޮލަރު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.
     
    ރިޝްވަތު ހިފުމުގެ ދަޢުވާ 5 ކުރާ ސަބަބު:
    ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 15 މޭ 2017 ދުވަހު US$640،000 (ހަ ލައްކަ ސާޅީސް ހާސް ޑޮލަރު) ގެ ޕޭމަންޓެއް ޖަމާކޮށްފައިވާއިރު، 31 މޭ 2017 ދުވަހު ޢަބްދުﷲ މައުމޫންގެ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 
    904-03-10023220-2000
     އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$46،555 (ސާޅީސް ހަ ހާސް ފަސްސަތޭކަ ފަންސާސް ފަސް ޑޮލަރުު) ޖަމާކުރަން މަސައްކަތް ކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.
     
    ރިޝްވަތު ހިފުމުގެ ދަޢުވާ 6 ކުރާ ސަބަބު:
    ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން 19 ޖޫން 2017 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ US$580،096 (ފަސްލައްކަ އަށްޑިހަ ހާސް ނުވަދިހަ ހަ ޑޮލަރު) އާއި 25 ޖުލައި 2017 ދުވަހު ފޮނުވާފައިވާ US$649،00 (ހަ ލައްކަ ސާޅީސް ނުވަ ހާސް ޑޮލަރު) ޖަމާކޮށްފައިވާއިރު، 23 އޮގަސްޓު 2017 ދުވަހު ޢަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 90101480009682000 އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$49،955 (ސާޅީސް ނުވަ ހާސް ނުވަ ސަތޭކަ ފަންސާސް ފަސް ޑޮލަރު) ޖަމާކުރަން މަސައްކަތް ކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.

    ރިޝްވަތު ހިފުމުގެ ދަޢުވާ 7 ކުރާ ސަބަބު:
    ޢަބްދުﷲ މައުމޫން، 10 ޑިސެންބަރު 2013 ދުވަހުން ފެށިގެން 16 ނޮވެންބަރު 2018 ދުވަހާ ހަމައަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު: 9901014800695100 އެކައުންޓުން، 19 ސެޕްޓެންބަރު 2017 ދުވަހު ތްރީ.ޑީ.އެޗްގެ ނަންބަރު އެކައުންޓަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށް ފޮނުވާފައިވާ US$765،000 (ހަތް ލައްކަ ފަސްދޮޅަސް ފަސް ހާސް ޑޮލަރު) ޖަމާކޮށްފައިވާއިރު، 08 އޮކްޓޫބަރު 2017 ދުވަހު ޢަބްދުﷲ މައުމޫންގެ އެއްބަފާބޭބެ ކ.މާލެ، ހ.ހެންވޭރުފެހި އަޙްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު: 770112391001 އެކައުންޓަށް، ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$34،950 (ތިރީސް ހަތަރުހާސް ނުވަ ސަތޭކަ ފަންސާސް ޑޮލަރު) ޖަމާކޮށްފައިވާތީއާއި، މި ފައިސާއަކީ ޢަބްދުﷲ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާއަކަށްވާތީ.
     
    މި މުޢާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި ޢަބްުދުﷲ މަޢުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. 
     
    ޢަބްދުﷲ މަޢުމޫންއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން މި އޮފީހަށް މަޢުލޫމާތުދީފައިވާތީ ދަޢުވާލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް ވެވަޑައިގެންނެވި އެންމެ އަވަސް ތާރީޚަކަށް ތާވަލުކޮށްދެއްވުމަށް ކޯޓުގައި ދަންނަވާފައިވާނެއެވެ. އަދި ދަޢުވާލިބޭ މީހާ ޝަރީޢަތަށް ހާޒިރުވުމަށް އިންކާރުކުރައްވާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ނެރެދެއްވުމަށްވެސް ކޯޓުގައި އެދިފައިވާނެއެވެ. އެފަދަ އަމުރެއް ނެރެދެއްވާ ހާލަތުގައި އިންޓަރޕޯލް މެދުވެރިކޮށް، ދަޢުވާލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަހިވާނެއެވެ. 

  • 17 އެޕްރީލް 2024

    ޕީޖީ އޮފީހުގެ ނިއުސްލެޓަރ، "ޢުންޞުރު" ގެ 6 ވަނަ ޢަދަދު ނެރުން

    ކޮންމެ ތިންމަހުން އެއްމަހު ނެރޭ، ޕީޖީ އޮފީހުގެ ނިއުސްލެޓަރ، ޢުންޞުރު ގެ 6 ވަނަ ޢަދަދު އެޕްރީލް 1 ވަނަ ދުވަހު ނެރެފީމެވެ. މިފަހަރުގެ ޢަދަދުގައި؛

    ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާބެހޭ ޤާނޫނީ ހަމަތަކާއި، ހަރުކަށި ފިކުރު ނުރައްކާވާ ސަބަބުތަކާއި، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ ޤާނޫނީ ސުވާލުތަކާއި، ޑީއެންއޭ ހެކި ހޯދައި، ޝަރީޢަތުގައި ބޭނުންކުރުމާބެހޭ ޤާނޫނީ މައުޟޫޢުތަކަށް ލިޔެފައި ހުރި ލިޔުންތައް ހުންނާނެއެވެ. މީގެ އިތުރުން، މިއޮފީހުގެ އިދާރީ ހިންގުން ހަރުދަނާކޮށް، މިއޮފީހުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި، މިއޮފީހުގެ ރަސްމީ އާކައިވްސް، ފުވައްމުލަކު ސިޓީއަށް ބަދަލުކުރި ގޮތާއި، އެކަމާބެހޭ އިދާރީ ތަރުތިބުތައް ހުރި ގޮތުގެ ވާހަކަތައްވެސް ލިޔެފައި ހުންނާނެއެވެ. 

    މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި، މިއޮފީހުގައި އޮތް ޙަފްލާއަކަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު، އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ވަޑައިގެން ދެއްކެވި މުހިންމު، ޢިބުރަތްތެރި ވާހަކަފުޅުތަކުގެ ޚުލާޞާއެއްވެސް މި ފަހަރުގެ ޢަދަދުގައި އޮންނާނެއެވެ. އެމަނިކުފާނުންގެ އިރުޝާދަކީ، އިޙްތިރާމާއެކު، އެކު އުޅުމުން އުފެދޭ ލޯބި އިތުރުކޮށް، ޙަޔާތުގައި ދިމާވާ ކަންކަމުގައި ކެތްތެރިކަން އިސްކުރުމެވެ. އެމަނިކުފާނަށް މިއޮފީހުން ފޮނުވި ޝުކުރުގެ ސިޓީއެއްގެ ނަކަލެއްވެސް މިފަހަރުގެ ޢުންޞުރުގައި ޝާއިޢުކޮށްފައިވާނެއެވެ. 

    ޢުންޞުރުގެ 6 ވަނަ ޢަދަދު، މި ލިންކުން ވިދާޅުވެވޭނެއެވެ.


  • 24 މާރިޗު 2024

    އެފްއޭއެމްގެ ފައިސާ ލޯންޑަރކުރި މައްސަލައިގެ ތަޙުޤީޤު އަވަސްކުރުމަށް މަޝްވަރާކުރުން

    ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ތަންތަނުން ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތު ކުރެވިގެން، ޤާނޫނު ނަންބަރު 9/2009 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސއޫލިއްޔަތުތަކާއި ބާރުތައް) ގެ (ޅ) އިން ބާރު ލިބިގެން، ޕްރޮސިކިއުޓަރ ޖެނެރަލް އަމުރު ކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤުކުރަމުން ގެންދާ މައްސަލައިގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުންނާ މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލު ކުރައްވައިފިއެވެ.

     

    މިބައްދަލުވުމުގައި، އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. މިމަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި، މިމައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމާފައިވެއެވެ. މީގެ ތެރޭގައި، މިމައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ. މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނީ، ފުލުހުން މިމައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް، ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް މިއޮފީހަށް ހުށަހަޅުއްވައި ދެއްވުމަށެވެ.


    • 01 ފެބުރުވަރީ 2024

      ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މައްޗަށް ޖިނާއީ ދެ ދަޢުވާއެއް އުފުލުން

      ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެއް، އެޖަމްޢިއްޔާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހުށަހަޅައިފީމެވެ.

       

      ތަޙްޤީޤުކުރުން

      މިމައްސަލައަކީ، އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މައްދާގެ (ޅ) އާއި ޤާނޫނު ނަންބަރު: 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރަކަށް ފުލުހުން ތަޙްޤީޤުކުރަމުންދާ މައްސަލައެކެވެ. މިމައްސަލައިގެ ތަޙްޤީޤު އަދިވެސް ދަނީ ކުރިއަށެވެ. އިތުރު ބައިތަކުގެ ތަޙްޤީޤު ނިމެމުންދާ ވަރަކަށް އެބައިތަކާ ގުޅިގެން ދަޢުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކޯޓަށް ހުށަހަޅަމުންދާނެއެވެ.

       

      މިވަގުތު ހުށަހެޅި ދަޢުވާތައް

      މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން 2 ދަޢުވާއެއް، އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

      1. ޚިޔާނާތްތެރިވުން

      ބައްސާމް ޢަދީލް ޖަލީލް، 2016 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސްގެ މަޤާމުގައި ހުރެ، އެފް.އޭ.އެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި، ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން އެފް.އޭ.އެމްއަށް ދެމުން ގެންދިޔަ ފައިސާގެ ތެރެއިން، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް $10,000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށްޓަކައި، ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި $10,004.00 (ދިހަހާސް ހަތަރު އެމެރިކާ ޑޮލަރު) ގެ ޓްރާންސްފަރކުރުމަށް ލިޔެ، 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައި، ބޭންކް ޗަރޖަސްގެ ގޮތުގައި $5.00 (ފަސް އެމެރިކާ ޑޮލަރު) އުނިކުރުމަށްފަހު $9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) މީނާގެ އެކައުންޓަށް ޖަމާކޮށްފައިވާތީއާއި، އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީނަމަވެސް، $9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީއާއި، ބައްސާމް ޢަދީލް ޖަލީލް އެފް.އޭ.އެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީއާއި، މިފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 2 ވަނަ ނަންބަރުގެ (i) އާއި (ii) އާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ. 

       

      މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

       

      2. މަނީ ލޯންޑަރިންގ

      ބައްސާމް ޢަދީލް ޖަލީލް، 2016 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.ޢޭ.އެމް) ގެ ރައީސްގެ މަޤާމުގައި ހުރެ، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ  އެކައުންޓަށް ޖަމާކުރުމަށްޓަކައި 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިގެން ބޭންކް ޗަރޖަސް އުނިކުރުމަށްފަހު 9،999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) މީނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން $1,910.00 (އެއްހާސް ނުވަސަތޭކަ ދިހަ އެމެރިކާ ޑޮލަރު) 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، މީނާގެ ޙިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައިވާތީއާއި، އެ ފައިސާގެ ތެރެއިން $2,000.00 (ދެހާސް އެމެރިކާ ޑޮލަރު) 5 ސެޕްޓެންބަރު 2018 ދުވަހު  ބައްސާމް ޢަދީލް ޖަލީލް ކުއްޔަށް ނަގައިގެން އުޅުނު ކ. މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާތީއާއި، އެފް.އޭ.އެމް އިން މީނާ އެކައުންޓަށް ޖަމާކުރި ފައިސާ، އެކި ޢަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފް.އޭ.އެމް.އާ ގުޅުމެއް ނެތް ކަންކަމަށް އެފައިސާ ހަރަދުކޮށް، އެ ފައިސާ މީނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ، ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 62 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑަރކުރުމުގެ ކުށުގެ ދަޢުވާއާއި، ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށް އެދި.

       

      މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

       

      ކުރިމަގު

      މިމައްސަލައަކީ އަދިވެސް ތަޙްޤީޤުކުރިއަށްދާ މައްސަލައެކެވެ. ތަޙްޤީޤުގައި ކަންކަން ފުރޮޅެމުންދާ ވަރަކަށް އިތުރު މުޢާމަލާތްތަކާމެދު ފެންނަން ހުރި ނުރަނގަޅު ކަންތައްތަކުގެ މައްޗަށް އަޅާނެ ޤާނޫނީ ފިޔަވަޅުތައް މިއޮފީހުން ނިންމަމުން ގެންދާނަމެވެ.

       
  • 21 މާރިޗު 2024

    ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތައް ބަލައި ދަޢުވާކުރާނެގޮތާ ބެހޭ އިރުޝާދު ނެރުން

    ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 122 ވަނަ މާއްދާ (ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށް) ގައި، ތަފާތު އެކިއެކި ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް، ނުވަތަ އެނޫން ގޮތަކަށްވެސް ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.

     

    މިބާވަތުގެ ކުށްތަކަކީ، އެކުށްތައް ތަޙްޤީޤުކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރި ބާވަތެއްގެ ކުށަކަށްވާތީއާއި، މިކަމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ޙަރަކާތްތެރިވާ ހުރިހާ އިދާރާތަކުން އެއްގޮތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި ދަޢުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދުގެ ނަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދެއް މިއަދު ނެރުއްވައިފިއެވެ. މިއިރުޝާދަކީ، ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް) ގެ (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ބަލައި އެކަންކަން ހިނގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށް އޮތް މަސްއޫލިއްޔަތުގެ ދަށުން ނެރެފައިވާ އިރުޝާދެކެވެ.

     

    މިއިރުޝާދުގެ ސަބަބުން، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމްކޮށްގެންނާއި ރެކްރޫޓުކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެއެވެ. މިބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަޙްޤީޤުގައި ބަލާނެކަންކަމާއި ދައުވާކުރުމުގައި ގެންގުޅޭ އުޞޫލުތައް، މިދާއިރާގައި މަސައްކަތްކުރާ ހުރިހާ އިދާރާތަކަށް ސާފުވެފައި އޮންނާނެއެވެ.


  • 13 މާރިޗު 2024

    ފުވައްމުލަކު ސިޓީގައި މަސައްކަތްކުރައްވާ ފުލުހުންނާއެކު ހަވީރު ސައި

    "އަޅުގަނޑު، މިދިޔަ ހަފްތާގައި ފުވައްމުލަކު ސިޓީއަށް ކުރި ދަތުރުގައި، އެސިޓީގައި މަސައްކަތްކުރައްވާ ފުލުހުންނާ އެއްކޮށް ހަވީރު ސައިގެ ވަގުތުގައި ބައްދަލުވުމުގެ ފުރުޞަތު ލިބުނެވެ. ދޮޅު ގަޑިއެއްހައި އިރަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ފުލުހުން ކުރައްވާ މަސައްކަތްޕުޅުތައް ކުރައްވަން ހުރި ގޮންޖެހުންތައް، ސީދާ އިންވެސްޓިގޭޓަރުންގެ ކިބައިން ސާފުކޮށްލުމުގެ ފުރުޞަތު ލިބުނެވެ. އިންވެސްޓިގޭޓަރުންގެ ކަންބޮޑުވުންތައް ސީދާ އަޅުގަނޑާ ޙިއްސާ ކުރެއްވިއެވެ. އޭގެ ތެރެއިން ވަގުތުން ވަގުތަށް ރަނގަޅުކުރެވެން ހުރި ކަންކަން މިހާރު މިގެންދަނީ ކުރަމުންނެވެ. ނިޒާމީ ގޮތެއްގައި ރަނގަޅުކުރަން ހުރި ކަންކަންވެސް އަޅުގަނޑަށް މިހާރު ވަރަށް ސާފެވެ. މާތްﷲގެ އަމުރާއި އިރާދަފުޅުން، ފުވައްމުލަކު ސިޓީއަކީ އަމާން ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް، އެސިޓީގައި ތިއްބަވާ ފުލުހުން ކުރައްވާ ބުރަ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަބަދުވެސް އޮންނާނެއެވެ. ފުލުހުން އެ ކުރައްވަނީ ތަޢުރީފު ޙައްޤު މަސައްކަތެކެވެ. އެމަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ފަޚުރަކާއި ޝަރަފެކެވެ."

      ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް . 6 މާރިޗު 2024 . ބުދަ ދުވަސް.


  • 11 މާރިޗު 2024

    ރަމަޟާންމަހު، ޕީޖީ އޮފީހުން ފޯނަށް ޖަވާބުދޭނެ ގަޑިތައް ޢާންމުކުރުން.

    އެކިއެކި ބޭނުންތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޯނުކުރާ މީހުންނަށް އެކަށީގެންވާ، ރަނގަޅު ފެންވަރުގެ ޖަވާބެއް އެރުވޭތޯ ބެލުމަކީ މިއޮފީހުން ޚާއްޞަ އިސްކަމެއް ދީގެން ކުރާ ކަމެކެވެ. މިއޮފީހުން ފޯނަށް ޖަވާބުދޭނެ އުޞޫލުތައް ވެބްސައިޓުގައި ޢާންމުކޮށްފައިވާނެއެވެ. 

    އެގޮތުން، ރަމަޟާންމަހު މިއޮފީހުން ފޯނަށް ޖަވާބުދޭނީ، ހެނދުނު 9:00 އިން ފެށިގެން ފެށިގެން 11:15 އާ ދެމެދު އަންނަ ފޯންކޯލުތަކަށް، އެދުވަހުގެ 11:30 އާއި 12:15 އާ ދެމެދުގެ ވަގުތެއްގައި ޖަވާބުދޭނަމެވެ. ހެނދުނު 11:15 ގެ ފަހުން އަންނަ ފޯނުކޯލުތަކަށް ޖަވާބުދޭނީ، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:15 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައެވެ.


  • 06 މާރިޗު 2024

    މި އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ޤާއިމުކުރުން

    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ޤާއިމުކޮށް, ރަސްމީކޮށް ހުޅުވައިފިއެވެ. 
    މިކަމަށްޓަކައި މިއަދު ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ރަސްމީކޮށް ހުޅުއްވައިދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤުއެވެ. މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ބައިވެރިވެވަޑައިގެންނެވިއެވެ.  
     
    މީގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްސަލަތައް އަރުޝީފު ކުރަމުން ދިޔައީ މާލޭގައި ހުންނަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައި އޮފީހުގައެވެ. އަދި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ގޮފިތަކުން ބަލަހައްޓާ މައްސަލަތައް އެ ގޮތްޕެއްގައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ރަސްމީކޮށް ހުޅުވުމާއެކު, މީގެ ފަހުން އެންމެހައި މައްސަލަތައް މަރުކަޒީކޮށް އަރުޝީފު ކުރަމުން ގެންދާނީ ފުވައްމުލަކުގައެވެ. 
     
    ކޮންމެ އަހަރަކުވެސް މި އޮފީހަށް އެވަރެޖްކޮށް ދެހާހެއްހާ މައްސަލަ ހުށަހެޅެއެވެ. މައްސަލައެއް އަރުޝީފުކުރަނީ މައްސަލައިގެ އެންމެހައި މަރުޙަލާތައް ނިމި ފަހު ގޮތެއް ކަނޑައެޅުމުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ގިނަ މައްސަލަތަކެއް މި އޮފީހުގެ އަރުޝީފަށް ދާނީ އިތުރުވަމުންނެވެ. އެހެންކަމުން އެފަދަ ސްޓޯރޭޖެއް ޤާއިމުކުރުމަށް މާލެއަކީ އެންމެ އެކަށީގެންވާ ތަނެއްކަމަށް ދެކެވަޑައިނުގަންނަވާތީއާއި، ޙަޤީޤީ މާނައިގައި ލާމަރުކަޒީ އުޞޫލުން މަސައްކަތްތައް ރާވާލުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވީ ފުވައްމުލަކު ސިޓީގައި މި އޮފީހުގެ އަރުޝީފު ޤާއިމުކުރާށެވެ. 
     
    އެގޮތުން ފުވައްމުލަކުގައި އަމަން އަމާންކަން ޤާއިމުކުރުމަށް ފުލުހުންނާއި, ސިޓީ ކައުންސިލާއި, އެރަށުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތަށް ގާތުން އެހީތެރިކަން ދިނުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން މި އޮފީހުގެ ޕްރޮސިކިއުޓަރެއް އެރަށުގައި ޤާއިމުވެ ހުންނަވާގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ހަމަޖައްސަވާފައެވެ. އަދި  23 މޭ 2023 އިން ފެށިގެން މި އޮފީހުގެ ގޮތްޕެއް ފުވައްމުލަކުގައި ވަނީ ޤާއިމުކޮށްފައެވެ. 
     
    އެގޮތުން މި އޮފީހުގެ އަރުޝީފު ފުވައްމުލަކުގައި ޤާއިމުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވީ, ފުވައްމުލަކަކީ ބިމުގެ ގޮތުން ތަނަވަސް ރަށަކަށްވެފައި, ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އަރުޝީފު ޤާއިމުކުރުމަށް އެކަށީގެންވާ ޖާގައެއް ލިބޭނޭކަމުގެ ޔަޤީންކަން ސިޓީ ކައުންސިލުން ދެއްވާފައިވާތީއެވެ. އަދި ފުވައްމުލައް ސިޓީއަކީ ތަޢުލީމީ ގިނަ ޒުވާނުންތަކެއް ދިރިއުޅޭ ޝަހަރަކަށްވެފައި, އަރުޝީފާއި އޮފީސް ހިންގުމަށް އެންމެ އެކަށީގެންވާ ރަނގަޅު މުވައްޒަފުންނާއި ވަސީލަތްތައް އެ ރަށުން ލިބެން އޮތުމަކީވެސް ފުވައްމުލަކުގައި އަރުޝީފު ޤާއިމުކުރުމަށް މި އޮފީހުން ނިންމި އެއް ސަބަބެވެ.
     
    ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ޤާއިމުކުރުމާއެކު, ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚީ ރެކޯޑުތައް ފުރަތަމަ ފަހަރަށް މަރުކަޒީ ގޮތެއްގައި މާލެފިޔަވައި އެހެން ރަށަކަށް ބަދަލުކުރެވުނީއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚީ ރެކޯޑުތައް ދެން ބަލަހައްޓަމުންގެންދާނީ ފުވައްމުލައް ސިޓީގައެވެ.

  • 29 ފެބުރުވަރީ 2024

    2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތެރޭގައި އެފް.އެސް.އެމް އިން އެމް.ޕީ.އެލްއަށް ތެޔޮ ވިއްކުމުގައި، އެ ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލަ

    މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުޢާމަލާތްތަކުގައި އެމް.ޕީ.އެލްއާއި އެފް.އެސް.އެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގައި އެކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 28 ފެބްރުވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ.

    1. ސ. ފޭދޫ، ވާރުގެ، މުޙައްމަދު އައިމަން - މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރ

    ދަޢުވާ ސަބަބު އަސާސީ އަދަބު
    ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ. މުޙައްމަދު އައިމަން، 2019 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޗީފް މެނޭޖަރުގެ މަޤާމުގައި ހުރެ ފިއުލް ސަޕްލައި މޯލްޑިވްސްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ގަތުމުގެ މުޢާމަލާތްތައް ކުރުމުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށް، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަނެ ސޮއިކުރުމަށް ސ.މަރަދޫ، އާޒާދުގެ، ޙަސަންދީދީއަށް އިރުޝާދުދީ، މި ޑެލިވަރީ ނޯޓްތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސްކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ލިބިފައިނުވާ ޖުމްލަ 783،100 (ހަތްލައްކަ އަށްޑިހަ ތިން ހާސް އެއް ސަތޭކަ) ލީޓަރު ޑީސަލް ލިބިފައިވާކަމަށް ލިޔެކިޔުންތަކުން ދައްކުވައި، އެ ޑީސަލްގެ އަގަށްވާ ޖުމްލަ 6،799،800.00 (ހަ މިލިއަން ހަތް ލައްކަ ނުވަދިހަ ނުވަހާސް އަށް ސަތޭކަ) ރުފިޔާ ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދައްކައި، ޖުމްލަ 783،100 (ހަތްލައްކަ އަށްޑިހަ ތިން ހާސް އެއް ސަތޭކަ) ލީޓަރު ޑީސަލްއަށް ޙިޔާނާތްތެރިވެފައިވާތީ. 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން
    ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ ދަށުން، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ޞައްޙަނޫން ލިޔުމެއްގެ ތެދުކަން ދެއްކުން. މުޙައްމަދު އައިމަން، 2019 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޗީފް މެނޭޖަރުގެ މަޤާމުގައި ހުރެ، ފިއުލް ސަޕްލައި މޯލްޑިވްސްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ގަތުމުގެ މުޢާމަލާތްތައް ކުރުމުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށް 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓުތަކަކީ ޞައްހަނޫން ނޯޓުތަކެއްކަން އެނގިހުރެ އެ ލިޔުންތައް ބަލައިގަނެ ސޮއިކުރުމަށް ސ.މަރަދޫ، އާޒާދުގެ، ޙަސަންދީދީއަށް އިރުޝާދުދީ، މި ޑެލިވަރީ ނޯޓްތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސްކޮށްފައިވާތީ. 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން
     
    2. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބް - ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބައުޒަރު ޑްރައިވަރު
    އަސާސީ އަދަބު ސަބަބު ދަޢުވާ
    3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ސޮޖިބް، 2020 ވަނަ އަހަރުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބައުޒަރު ޑްރައިވަރުގެ މަޤާމުގައި ހުރެ، ފިއުލް ސަޕްލައި މޯލްޑިވްސްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ޑެލިވަރކުރުމުގެ މުޢާމަލާތްތައް ކުރުމުގައި، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް، މި ޑެލިވަރީ ނޯޓުތަކުގައި ބަޔާންކޮށްފައިވާ ޑީސަލް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޑެލިވަރކޮށްފައިވާކަމަށް ދެއްކުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުރި ސ.މަރަދޫ، އާޒާދުގެ، ޙަސަންދީދީއާ ހަވާލުކޮށް، ފިއުލް ސަޕްލައި މޯލްޑިވްސްއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޑެލިވަރީކުރަންޖެހޭ އެކު ޖުމްލަ 783،100 (ހަތްލައްކަ އަށްޑިހަ ތިންހާސް އެއްސަތޭކަ) ލީޓަރު ޑީސަލްއަށް މީނާ ޚިޔާނާތްތެރިވެފައިވާތީ. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ.
    9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން
    ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް އުފެއްދުން.
    ސަބަބު: ސޮޖިބް، 2020 ވަނަ އަހަރުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބައުޒަރު ޑްރައިވަރުގެ މަޤާމުގައި ހުރެ، ފިއުލް ސަޕްލައި މޯލްޑިވްސްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޑީސަލް ޑެލިވަރކުރުމުގެ މުޢާމަލާތްތައް ކުރުމުގައި، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް އެކު ޖުމްލަ 783،100 (ހަތްލައްކަ އަށްޑިހަ ތިންހާސް އެއްސަތޭކަ) ލީޓަރު ޑީސަލް ޑެލިވަރީކޮށްފައިވާކަމަށް ދެއްކުމަށްޓަކައި ޞައްޙަނޫން 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް ސޮއިކޮށްފައިވާތީ.
    ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް އުފެއްދުން.
     
    3. ސ. މަރަދޫ އާޒާދުގެ ޙަސަން ދީދީ - މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު
    އަސާސީ އަދަބު ސަބަބު ދަޢުވާ
    9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ޙަސަން ދީދީ، 2019 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުރެ، ފިއުލް ސަޕްލައި މޯލްޑިވްސްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ގަތުމުގެ މުޢާމަލާތްތައް ކުރުމުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށް، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓުތަކަކީ ޞައްހަނޫން ނޯޓުތަކެއްކަން އެނގިހުރެ އެ ލިޔުންތައް ބަލައިގަނެ ސޮއިކުރުމަށްފަހު ލިޔުންތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސް ކުރުމަށްޓަކައި ޑެލިވަރީ ނޯޓްތައް ސ.ފޭދޫ ވާރުގެ މުޙައްމަދު އައިމަންއާ ޙަވާލުކޮށްފައިވާތީ. 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ޞައްޙަނޫން ލިޔުމެއް އުފެއްދުން.

    މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށްވެސް ތުހުމަތުކުރެވެއެވެ. އެ ދެމީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައި ވާނެއެވެ.

    މި މައްސަލައަކީ މިހާރުވެސް ތަޙުޤީޤު ކުރިއަށްދާ މައްސަަލައެކެވެ. މިހާތަނަށް މި އޮފީހަށް ބަލައިގަނެފައިވާނީ މި މައްސަލައިގައި ޚިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައެވެ. މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނަމެވެ.


  • 21 ފެބުރުވަރީ 2024

    ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާކުރާ މައްސަލަތައް، ޤާނޫނުގައި ބުނާ ގޮތަށް 30 ދުވަހުގެ ތެރޭގައި ނިންމަވައި ދެއްވުން އެދި ކޯޓަށް ސިޓީ ފޮނުވަންފެށުން

    ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަކީ ، މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ޤާނޫނެވެ. 

    މިބާވަތުގެ މައްސަލަތަކުގެ ނުރައްކާތެރިކަމުންނާއި، އެމައްސަލަތައް ތަޙްޤީޤުކޮށް، ދައުވާކޮށް، ޝަރީޢަތްކުރުމުގައި ހުންނާނެ ގޮންޖެހުންތަކަށާއި، މިމައްސަލަތައް އަވަހަށް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ރިޢާޔަތްކުރައްވައި، މި ޤާނޫނު ފާސްކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުން ތަފާތު އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި، މިބާވަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ހަނުހުރުމުގެ ޙައްޤު ހަނިކޮށްފައިވެއެވެ. ތަޙްޤީޤު މަރްޙަލާގައި ބަންދުގައި ބަހައްޓައި، ޤާނޫނީ ވަކީލާއެކު ދައްކާ ވާހަކަވެސް 96 ގަޑިއިރުގެ މުއްދަތަށް ހިންގަންވާނީ ފުލުހުންގެ ހާޒިރުގައިކަމަށް އެޤާނޫނުގައި ބުނެއެވެ. 

    ހަމައެއާއެކު، މިޤާނޫނުގެ 17 ވަނަ މާއްދާ (ދަޢުވާކުރުމާއި މައްސަލަ ނިންމުމުގެ މުއްދަތު) ގައި، މިބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިނަމަ، 15 ދުވަހުގެ ތެރޭގައި، އެމީހެއްގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ފުލުހުންނަށް ލާޒިމުވެއެވެ. އެމުއްދަތު މާކުރުކަމަށް ފުލުހުންނަށް ފެނިއްޖެނަމަ، ތަޙްޤީޤު ކުރުމުގެ މުއްދަތު އިތުރުކުރުމަށް ސަބަބާއެކު ހުށަހަޅަންޖެހެނީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ. މައްސަލައެއް ތަޙްޤީޤު ނިމިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި، އެމައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމަންވެސް ޤާނޫނު ލާޒިމުކުރެއެވެ. މިއޮފީހުން، ހަމަ ކޮންމެ މައްސަލައެއްގައިވެސް އެމުއްދަތުގެ ތެރޭގައި މިދަނީ ގޮތް ނިންމަމުންނެވެ. އެއްވެސް މައްސަލައެއް، މުއްދަތުން ނައްޓައިގެން ގޮސްފައެއްނުވާނެއެވެ.

    މިޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި، މިޤާނޫނުގެ ދަށުން ދައުވާކުރާ މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހަޅާ ތާރީޚުން ފެށީގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ޙުކުމެއް ކުރަންވާނެކަމަށް ލިޔެފައި އެބައޮތެވެ. ވީމާ، މިއަހަރުން ފެށިގެން، މިއޮފީހުން ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުވާކުރާ ހަމަ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއްގައި ޙުކުމެއް ކުރަން ޤާނޫނުގައި ކަނޑައެޅިފައިވަނީ 30 ދުވަހުގެ މުއްދަތެއްކަން، ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް، ހަނދުމަފުޅުކޮށް އެރުވުމަށްޓަކައި، އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށައިފީމެވެ. މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުޢާމަލާތުތައް ފެންނަން ހުންނާނެއެވެ. މީގެ ބޭނުމަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ. 


    • 03 ފެބުރުވަރީ 2024

      ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުން އެދި ކޯޓަށް، އޮޓޮމެޓިކުން ސިޓީއެއް ފޮނުވޭގޮތަށް ހެދުން

      އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށް މިއޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އެބަގެންދަމެވެ. މިއޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާތީޖީ ގޮތެއްގައި އިންވެސްޓްކޮށްގެން އެއިން ނަފާ ހޯފަމުންދާ މުއައްސަސާއަކަށްވާތީ، މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް، މިއޮފީހުގެ www.online.pgo.mv ވެބްސައިޓުން ބެލޭނޭ އިންތިޒާމު މިހާރު އެހުރީ ހަމަޖައްސައިފައެވެ. އޭގެ ބޭނުމަކީ، ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މަޢުލޫމާތު ދިނުމާއި، އޭނާއަށް އިންޞާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދޭ، މިކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުރުމެވެ.

       

      ޤާނޫނު ނަންބަރު: 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ (މަޤްޞަދު) ގެ (ށ) ގައި ބަޔާންކުރާގޮތުން، އެ ޤާނޫނުގެ އެއް މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމެވެ. ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީޢަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ޤާއިމުވުމަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެކެވެ.

       

      ވީމާ، މިއޮފީހުން ދަޢުވާކުރާ ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި، ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ހުރި މުއްދަތުތަކާ އެއްގޮތަށް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށްދެއްވައި، އެ ޤާނޫނުގެ 142 ވަނަ މާއްދާ (ޢަދުލުވެރިކަމާއި ތެދުވެރިކަމާއި އަދި މެދުކެނޑުމެއްނެތި ޝަރީޢަތް ހިންގުން) ގައި ބަޔާންކުރާ ގޮތުގެ މަތިން، މެދުކެނޑުމެއް ނެތި މި މައްސަލައިގެ ޝަރީޢަތް ހިންގަވައިދެއްވައި މައްސަލަ ނިންމަވައިދެއްވުން އެދި، މިބާވަތުގެ ހަމަ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއް ހުށަހަޅާ ކޯޓަށް މިއޮފީހުން އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށައިފީމެވެ. އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، އެސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުންނެވެ. މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުޢާމަލާތުތައް ފެންނަން ހުންނާނެއެވެ. މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ.