ޑިޖިޓަލް އެވިޑެންސް ވޯކްޝޮޕްގައި 50 ޕްރޮސިކިއުޓަރުން ބައިވެރިވެއްޖެ

13 ޖޫން 2022

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ - އޮފިސް އޮފް އޯވަރސީސް ޕްރޮސިކިއުޓޯރިއަލް ޑިވަލޮޕްމަންޓުން އިންތިޒާމުކޮށްގެން ހިންގި ޑިޖިޓަލް އެވިޑެންސް ވޯކްޝޮޕްގައި މި އޮފީހުގެ 50 ޕްރޮސިކިއުޓަރުން ބައިވެރިވެއްޖެއެވެ.

ދެދުވަހުގެ މުއްދަތަށް ކަސްޓަމްސްގެ ކޮންފަރެންސް ހޯލުގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމަކީ އިލެކްޓްރޯނިކް ޑިވައިސްތަކުން ހެކީގެ ގޮތުގައި ނެގޭ ތަކެތި ދިރާސާކުރުމުގައި ބަލަންޖެހޭ ބެލުންތަކާއި، ބައިނަލްއަޤްވާމީ މުޖުތަމައުގައި މި މަސައްކަތް ކުރާގޮތަށް ޕްރޮސިކިއުޓަރުން އަލުވެރިކުރުވުމަށް ހިންގި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވަނީ އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ މި އޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރާ 20 ޕްރޮސިކިއުޓަރުންނާއި، މާލެ އޮފީހުގެ 30 ޕްރޮސިކިއުޓަރުންނެވެ.

މި ބައްދަލުވުމުގައި އެމެރިކާ ޖަސްޓިސް ޑިޕާޓްމަންޓުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ލީގަލް އެޑްވައިޒަރ ޔީ ޓިންގ ވޫއާއި، އެ ޑިޕާޓްމަންޓްގެ ސީނިއަރ ކައުންސެލް ފްރޭންކް ލިންއާއި، އެ ޑިޕާޓްމަންޓްގެ ފޮރެންސިކް ލެބްގެ ޑެޕިއުޓީ ޑިރެކްޓަރ ތޯމަސް ސޮންގއާއި، އެމެރިކާގެ ކެލެފޯނިއާ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުގެ ޖަޖް ޑޭވިޑް އޯ. ކާރޓަރ ސެޝަންތައް ނަންގަވައިދެއްވާފައިވެއެވެ.

މި ވޯކްޝޮޕްގެ ބައެއް ސެޝަންތައް މި އޮފީހުގެ ޕްރޮސިކިއުޓަރުންވެސް ނަންގަވައިދެއްވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުގައި އިލެކްޓްރޯނިކް އެވިޑެންސްއާ ގުޅޭ އުޞޫލުތަކާ ގުޅޭގޮތުން ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ނައުފަލް ސެޝަންއެއް ނަންގަވައިދެއްވިއެވެ. އަދި އޮންލައިން ޓެރަރިޒަމް ކޭސް ސްޓަޑީއެއް ޕަބްލިކް ޕްރޮސިކިއުޓަރ ޢުމަރު މަމްދޫޙް މުޙައްމަދު މާހިރު ހުށަހަޅުއްވާފައިވެއެވެ.