ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައި ލެވަލް ކޮންފަރެންސް ބާއްވައިފި

17 މޭ 2023

ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ އިސްވެރިންގެ ހިމެނޭ ގޮތަށް "ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައި ލެވަލް ކޮންފަރެންސް" ބާއްވައިފިއެވެ.

މިއީ މި އޮފީހާއި ޔުނިސެފް ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ކްރިމިނަލް ޖަސްޓިސް ޑޭޓާ މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ބޭއްވި ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސްގެ މަޤްޞަދަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި ޑޭޓާ ބަދަލުކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އެއްގޮތް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް, މި ނިޒާމުގައި ހިމެނޭ މުއައްސަސާތަކުން ނިންމާ ނިންމުންތަކަކީ ތަފާސްހިސާބާއި މަޢުލޫމާތުގެ އަލީގައި ނިންމާ, އެއްގޮތް ނިންމުންތަކެއްކަމަށް ހެދުމެވެ.

ކޮންފަރެންސްގައި ބައިވެރިވި މުއައްސަސާތައް:

1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

2. ދިވެހި ފުލުހުންގެ ޚިދުމަތް

3. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

4. އެޓާރނީ ޖެނެރަލްގެ އޮފީސް

5. ހިއުމަން ރައިޓްސް ކޮމިޝަން

6. އެންޓި-ކޮރަޕްޝަން ކޮމިޝަން

7. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން

8. ޗިލްޑްރަންސް އޮމްބޮޑްސްޕާރސަންގެ އޮފީސް

9. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

10 .ޖުޑީޝަލް ސަރވިސް ކޮމިޝަން

11. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

12. މޯލްޑިވްސް ކަސްޓަމްސް ސަރވިސް

13. ޔުނިސެފް

14. އޮސްޓްރޭލިއާ ހައިކޮމިޝަން

ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި އެއް ދުވަހުގެ މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ 17 މޭ 2023 ދުވަހު ހޮޓެލް ޖެންގައެވެ.

"އެވިޑެންސް ބޭސްޑް މެނޭޖްމަންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓަރ" ގެ ނަމުގައި، މި އޮފީހުން އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގައި، ޔުނިސެފާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަންނީ އެހީތެރިކަމާއެކު ހިންގާ ޑޭޓާ މެނޭޖްމަންޓް ޕްރޮޖެކްޓުގައި ހިމެނެނީ މުހިންމު ތިން ބައެކެވެ. 

- ޑޭޓާ ޕްލޭނެއް ހެދުމާއި، ޑޭޓާ ބޭނުންކޮށްގެން، ސިޔާސަތު ބައްޓަންކުރާނެ ގޮތާބެހޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގުން.

- ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތައް ހިމެނޭ އިންޓަގްރޭޓެޑް ޑޭޓާބޭސްއެއް އުފެއްދުން.

- ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުން ކުރާ މަސައްކަތްތައް ޢާންމުންނަށް ފެންނާނެ ޕަބްލިކް ސްޓެޓިސްޓިކްސް ޕޯޓަލެއް ހެދުން

މި މަސައްކަތްތަކުގެ ތެރެއިން ޑޭޓާ ޕްލޭނެއް ހެދުމާއި، ޑޭޓާ ބޭނުންކޮށްގެން، ސިޔާސަތު ބައްޓަންކުރާނެ ގޮތާބެހޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމް 20 ފެބްރުވަރީ 2023 އިން ފެށިގެން 23 ފެބްރުވަރީ 2023 ގެ ނިޔަލަށް ކުރިއަށްގެންގޮސްފައެވެ.

މި ކޮންފަރެންސްގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކުގެ މެދުގައި ޑޭޓާ ޙިއްސާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް" ލޯންޗްކޮށްފައިވެއެވެ. މި ޑޭޓާބޭސް ލޯންޗްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ.

މި ކޮންފަރެންސްގައި, މިއަދު މި އިފްތިތާހު ކުރި "ކްރިމިނަލް ޖަސްޓިސް ޑޭޓާބޭސް" ގެ ތެރެއިން މި އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު މައުލޫމާތާއި ތަފާސްހިސާބު ބަދަލުކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.