އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ފެޒްލީން އައްޔަންކުރައްވައިފި

11 ފެބުރުވަރީ 2021

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމް، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ފެޒްލީން އައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛާ މަރްޔަމް ފެޒްލީން މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ.

އަލްއުސްތާޛާ މަރްޔަމް ފެޒްލީން ޤާނޫނީ ދާއިރާއިން ޚިދުމަށްކޮށްދެއްވަން ފެއްޓެވީ 13 މޭ 2009 ދުވަހު މި އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ. އެ އެއަށްފަހު ގެންދަވަނީ މެދުކެނޑުމެއްނެތި މި އޮފީހަށް ޚިދުމަށްކޮށްދެއްވަމުންނެވެ. އަލްއުސްތާޛާ މަރްޔަމް ފެޒްލީންއަކީ މިވަގުތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން މި ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ޤާނޫނީ ވަކީލެވެ.

އަލްއުސްތާޛާ މަރްޔަމް ފެޒްލީން ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ މެލޭޝިއާއިން ކޮމްޕެރެޓިވް ލޯ އިން މާސްޓާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަދި ޤާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާރތަކާއި، ޓްރެއިނިންގ ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ.

 ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްޔަންކުރައްވާ މި އޮފީހުގެ އެންމެ އިސް މަޤާމުތަކުގައި މި ވަގުތު ތިއްބެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ނާޝިދުއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރާބިޢުއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ފެޒްލީންއެވެ.